މިއަހަރު އޮންނަ އ.ދ ގެ އާއްމު ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެކަމުގައި ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނާ ބައްދަލްކުރައްވާ ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު އަހުމަދު ޝަހީދު ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި އެމެރިކާޔަށް ވަޑައިނުގަންނަވާ ގޮތަށް އޮތުމަށްފަހު މިހާރު އެމެރިކާއަށް ވަޑައިގަތުމަށް ނިންމަވާފައި މިވަނީ މި ދަތުރުގެ ޚަރަދުތަށް އެކި ފަރާތްތަކުގެ ދީލަތި އެހީއިން ނިންމޭ ގޮތް ވުމުން ކަމުގައެވެ.
ބޭރުގެ ޖަމާއަތްތަކުން ރާއްޖެއަށް އެހީ ލިބުނީ ކޮން ގައުމުތަކަކުންތޯ ނޫސްވެރިއަކު އެހުމުން ޝަހީދް ވިދާޅުވީ، އެހީ ދިން ފަރާތް ތަކުގައި އެކުވެރި ގައުމުތަށް ވެސް ހިމެނޭ ކަމަށާއި ނަމަވެސް އެފަރާތް ތަކުގެ ނަން ހާމަ ނުކުރެއްވުމަށް އެ ފަރާތް ތަކުންވަނީ އެދިފައިކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ، ރާއްޖެ އަށް މި އެހީ ދީފި ނަމަ އެހެން ފަރާތް ތަކަށް ވެސް މި އެހީ ދޭން ޖެހޭނެ ކަމަށާ އެހެން ކަމުން އެއީ އެފަރާތްތަކަށް ފަސޭހަ ކަމަކަށް ނުވާތީކަމަށެވެ.
މީގެއިތުރުން ޑެންމާކުގެ ވެރިރަށް ކޮޕެންހޭގަންގައި ބާއްވާ ތިމާވެއްޓާ ބެހޭ ސަމިޓުގައިވެސް ރާއްޖޭގެ ރައީސަށް ބައިވެރިވެ ވަޑައިގެންނެވޭނެކަމުގެ ޔަގީންކަން ޑެންމާކު ސަރުކާރުން ދީފިއެވެ. ރާއްޖޭގެ މާލީ ހާލަތު ހުރިގޮތުން އެފަދަ ޚަރަދެއްކުރެވެން ނެތްކަން ރައީސް ނަޝީދު ހާމަކުރެއްވުމާ ގުޅިގެން ޑެންމާކުގެ ޓެބްލޮއިޑް ނޫހެއް ކަމަށްވާ ދަ ކޮޕެންހޭގަން ޕޯސްޓް ވެބްސައިޓުގައި ޑެންމާކުގެ ޑިވެލޮޕްމަންޓް މިނިސްޓަރު އޫލާ ޓޯރްނީޒްއާ ހަވާލާދީ ބުނެފައި ވަނީ ރާއްޖޭފަދަ ތިމާވެށީގެ ނާޒުކުކަން ކުރިމަތިވެފައިވާ ގައުމުތަކުން މިސަމިޓްގައި ބައިވެރިވުން މުހިންމު ކަމަށާއި ރާއްޖެއަށް މިސަމިޓްގައި ބައިވެރިވެވޭނެ ކަމަށާއި އެމަގު ތަނަވަސްވެފައިވާ ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގައި ވަރަށް މުހިންމު ކަންތައްތަކެއް ކުރައްވާނެ ކަމުގައި އަހުމަދު ޝަހީދު ވިދާޅުވިއެވެ.